މިދިޔަ ޖުލައި މަހު ރާއްޖެއަށް 184,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރީ 184,735 ފަތުރުވެރިންނެވެ. މިއީ މިއަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 46 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 1.9 އިންސައްތަ ދަށް އަދަދެކެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބުރުވަރީ މަހުގައެވެ. ތަފާސްހިސާބުތަކުން އެނގޭގޮތުގައި މާރިޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދު ވަނީ ދަށްވާން ފަށާފައެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމެވެ.
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފަތުރުވެރިން އައިސްފައިވާ ގޮތަށް ބަލާއިރު:
- ޖަނަވަރީ: 227,403 ފަތުރުވެރިން
- ފެބުރުވަރީ: 254,556 ފަތުރުވެރިން
- މާރިޗު: 161,259 ފަތުރުވެރިން
- އެޕްރީލް: 152,861 ފަތުރުވެރިން
- މޭ: 142,555 ފަތުރުވެރިން
- ޖޫން: 123,552 ފަތުރުވެރިން
- ޖުލައި: 184,735 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,924 ފަތުރުވެރިން ރާއްޖެ އާދެއެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި 22 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ.



