މިދިޔަ ހަފްތާ ބަންދުގައި އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކަށް ކުރި ބޯވިއްސާރައާއި ފެންބޮޑުވުމުގެ ޙާދިސާތަކުގައި 14 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ކެރަލާ ސްޓޭޓަށެވެ. އެ ސްޓޭޓުން އެކަނިވެސް 11 މީހުން މަރުވެފައިވާއިރު، އަވަށްޓެރި ކަރްނާޓަކާ ސްޓޭޓުން 3 މީހަކު ވަނީ މަރުވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން، ވިއްސާރައާ ގުޅުންހުރި އެކި ޙާދިސާތަކުގައި ކެރަލާއިން މަރުވި މީހުންގެ ޢަދަދު މިދިޔަ އާދީއްތަ ދުވަހާ ހަމައަށް 11 އަށް އަރާފައިވެއެވެ. މި ޙާލަތާ ގުޅިގެން ކެރަލާގެ އެކި ސަރަޙައްދުތަކުގައި 275 ވަގުތީ ހިޔާ ޤާއިމުކޮށްފައިވާއިރު، ގާތްގަނޑަކަށް 7,700 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ކެރަލާ ސަރުކާރުގެ ވަޒީރަކު ވިދާޅުވީ ”ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ“ ކަމަށެވެ.
ކެރަލާގެ ޗީފް މިނިސްޓަރު ވީޑީ ސަތީޝަން މިއަދު ވިދާޅުވި ގޮތުގައި، ވަގުތީ ހިޔާތަކުގެ އިންތިޒާމުތައް ބަލައި، ޙާލަތު ވަޒަންކުރުމަށްޓަކައި ސަރަޙައްދީ އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، ފެންބޮޑުވެފައިވާ ސަރަޙައްދުތައް ސާފުކުރުމުގެ ބޮޑު އޮޕަރޭޝަނެއް އިއްޔެއިން ފެށިގެން ކުރިއަށްދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެ ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ލަފާކުރާ ގޮތުގައި، މިއަދުވެސް ބައެއް ސަރަޙައްދުތަކަށް ގަދަވަޔާއެކު މެދު މިންވަރަކަށް ވާރޭވެހޭނެއެވެ. ވިއްސާރައިގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ގިނަ ސްކޫލްތަކެއް ވަނީ ބަންދުކޮށްފައެވެ. އަދި މުދައްރިސުން އައްޔަނުކުރުމަށް ބާއްވަން އުޅުނު ސްޓޭޓް ފެންވަރުގެ މުހިންމު އިމްތިޚާނެއްވެސް ވަނީ ފަސްކޮށްފައެވެ.
ކެރަލާގެ އިތުރުން ކަރްނާޓަކާއަށް ކުރިމަތިވި ވިއްސާރައިގައިވެސް ހިތާމަވެރި ޙާދިސާތަކެއް ވަނީ ހިނގާފައެވެ. ”ދަ ހިންދޫ” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން، މިދިޔަ ހޮނިހިރު ދުވަހު އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ވަނީ މަރުވެފައެވެ.
ކަމާބެހޭ ފަރާތްތަކުން ދަނީ ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.




