ރާއްޖޭގެ އެކި ރަށްތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ މެޖިސްޓްރޭޓުން އައްޔަންކުރުމަށްޓަކައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަތޮޅުތެރޭގެ 10 ކޯޓެއްގައި މެޖިސްޓްރޭޓުންގެ މަގާމު ހުސްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ:
- ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
- އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
- ގޮއިދޫ މެޖިސްޓްރޭޓް ކޯޓު
- ހިންނަވަރު މެޖިސްޓްރޭޓް ކޯޓު
- ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު
- މާމިގިލީ މެޖިސްޓްރޭޓް ކޯޓު
- ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
- ގައްދޫ މެޖިސްޓްރޭޓް ކޯޓު
- ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
- އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
މީގެތެރޭގައި ހިމެނޭ ގޮއިދޫ އާއި ހިންމަފުއްޓަށް ހޯދަނީ އިސް މެޖިސްޓްރޭޓުންނެވެ.
މެޖިސްޓްރޭޓުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލު ހާމަކުރަމުން ޖޭއެސްސީން ބުނީ، އަސާސީ މުސާރައިގެ ގޮތުގައި 26,350 ރުފިޔާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ލިވިން އެލަވެންސްގެ ގޮތުގައި 12,000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި 1,650 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސް އާއި މެޑިކަލް އިންޝުއަރެންސް ވެސް މެޖިސްޓްރޭޓުންނަށް ލިބިގެންދާނެއެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުން ހިމެނެއެވެ. މީގެ އިތުރުން މަގާމަށް ބޭނުންވާ ތައުލީމީ ފެންވަރާއި އެހެނިހެން ޝަރުތުތައް ވެސް އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އޮގަސްޓު 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ހުށަހެޅޭނީ ޖޭއެސްސީގެ ’ފަހިރެސް‘ ޕޯޓަލް މެދުވެރިކޮށެވެ.
ނަމަވެސް، ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.




