މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 2އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި / ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) އެވެ.
ރޭ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ޝިޢާން އަޙްމަދުއަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



