މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުން ކުރި މަސައްކަތްތަކުގެ ތެރެއިން 21,000 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށް، އޭގެ ތެރެއިން 10,878 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޖުމްލަ 21,354 އުޅަނދު ބަލައި ފާސްކޮށްފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 118 އުޅަނދެވެ. މި ފާސްކުރުންތަކުގެ ތެރެއިން 10,878 ފަހަރު ޖޫރިމަނާ ކޮށްފައިވާއިރު، 8,740 ފަހަރު ވަނީ ނަސޭހަތް ދީފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ބަލައި ފާސްކުރި ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ވަނީ ޖޫރިމަނާ ކޮށްފައެވެ.
މަގުމަތީގެ ގަވާއިދުތައް ތަންފީޒު ކުރުމަށްޓަކައި މި މުއްދަތުގެ ތެރޭގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށްފައިވެއެވެ. އަދި ސްކޫލު ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް 10,263 ހަރަކާތެއް ހިންގާފައިވާކަމަށް ފުލުހުން ބުނެއެވެ. މިއީ ދުވާލަކު އެވްރެޖްކޮށް 6 ޗެކް ޕޮއިންޓާއި 57 ޓްރެފިކް ހަރަކާތެވެ.
ޕާކިންގ މައްސަލަތަކަށް ބަލާއިރު، އުޅަނދުތައް ޓޯކުރުމުގެ ކުރިން އަމިއްލައަށް ނެގުމަށް އެދި 23,608 ފޯނު ކޯލު ފުލުހުން ކޮށްފައިވެއެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 3,417 އުޅަނދެއް ޓޯކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 3,336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދެވެ. މީގެ އިތުރުން ރަސްމީ މުނާސަބަތުތަކާ ގުޅިގެން 1,080 އުޅަނދެއް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ފުލުހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ލައިސަންސް ނެތި އުޅަނދު ދުއްވި 1,052 ފަރާތަކަށާއި، ނުރައްކާތެރިކޮށް ދުއްވި 77 ފަރާތަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ގަވާއިދާ ހިލާފަށް ބަދަލު ގެނެސްގެން ދުއްވި 32 އުޅަނދަކާއި، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވި 71 އުޅަނދެއްގެ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.
ޖުމްލަ 59 ބާވަތެއްގެ ކުށަށް ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އަހަރީ ފީގެ މައްސަލައިގައި އެކަނިވެސް 2,249 ޖޫރިމަނާ ކޮށްފައިވެއެވެ.
މީގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަން ފާހަގަކުރެވޭ ކުށްތަކުގެ ތެރޭގައި ހިމެނެއެވެ.




