މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅިގެން ވިޔަފާރިވެރިންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު މީރުމާގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ މަންދޫބުންގެ އިތުރުން،އެމް.ޕީ.އެލްގެ ފަރާތުން ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤް އަދި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް، މަޝްރޫޢުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމުގައިވާ ވިޔަފާރިވެރިންނާ ހިއްސާކުރުމެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި ’އެފިޝިއަންޓް‘ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭ މުހިއްމު ކަންކަން ހިއްސާކުރައްވާފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުުރުމާއި ގުޅިގެން، އެމް.ޕީ.އެލް އިން ދަނީ ސިލްސިލާކޮށް ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، މީޑިއާ އަދި މަޖޫރީންނާ ވެސް ވަނީ ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.

ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑުސަރަހައްދެކެވެ. އެގޮތުން، މި ބަނދަރު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު، މިހާރު ބަނދަރަށްދިމާވެފައި މައްސަލަތައް ހައްލުކުރެވޭނެ މުހިންމު ތަނަކަށް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ”ސްޓޭޓް-އޮފް-ދި-އާޓް“ މަލްޓި-ޕާޕަސް ބަނދަރެއް ޤާއިމުކުރުމެވެ. މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ.

މި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީީ ދެއްވާފައެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.



