އެމެރިކާގައި ކުރިއަށްއޮތް މިޑްޓާމް އިލެކްޝަނާ ކުރިމަތިލާއިރު ތެލުގެ އަގު ބޮޑުވެ ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބަކީ އީރާން ހަނގުރާމައާ ގުޅުވައިގެން ތެޔޮ ކުންފުނިތަކުން ”އިންތިހާއަށް ބޮޑު ނާޖާއިޒް ފައިދާއެއް“ ނެގުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތުކުރައްވައިފިއެވެ.
އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގައި އިދިކޮޅު ޑިމޮކްރެޓުން ކޮންގްރެސްގެ އަޣްލަބިއްޔަތު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ތެލުގެ އަގު ބޮޑުވުމަކީ ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ.
”އަހަރެން އެކަމާ ހިތްހަމައެއްނުޖެހޭ. އެ މީހުން އެ ނަގަނީ މާ ބޮޑު ފައިދާއެއް. ތެލުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެ މީހުން އެދަނީ ނާޖާއިޒު ފައިދާ ނަގަމުން،“ ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު، އެމެރިކާގައި އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ގެލަނެއް [3.78 ލިޓަރު] ގެ އެވްރެޖް އަގު ވަނީ 37 ޕަސެންޓަށްވުރެ މައްޗަށް ގޮސްފައެވެ.
މި ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ގަލްފުގައިވާ އެމެރިކާގެ އެކުވެރި ގައުމުތަކަށް ހަމަލާދީ، ތެޔޮ އުފުލާ މުހިންމު މަގުކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ހަރަކާތްތައް އެއްކޮށްހެން ހުއްޓުވައިފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.



