ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރާ މަސައްކަތާ މެދު ރައްޔިތުންގެ ހިތުގައި ނުރަނގަޅު ތަސައްވަރު އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފިއެވެ.
ކަސްޓަމްސްގެ މުވައްޒަފެއްގެ ފޮޓޯއާ އެކު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭ ގޮތުން އިއްޔެ އާއި މިއަދު ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ފަތުރައިފައެވެ.
އެކަމާ ގުޅިގެން ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި ރާއްޖޭން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ އެ އިދާރާއާ މަތިކޮށްފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ.
އެގޮތުން ކަސްޓަމްސްއިން ބުނީ ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް ކަސްޓަމްސް އަދި ބަނދަރުތަކުގައި ގާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުންކުރާ ކަމަށެވެ.
އަދި ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެން ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލާ ފާސްކުރަން ޖެހިއްޖެ ނަމަ، އެކަމެއް ވެސް ގާނޫނާއި ގަވައިދުގައިވާ ގޮތަށް ކުރާ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.
މިގޮތަށް އަމަލުކުރަނީ، ކަސްޓަމްސް އިން ބުނި ގޮތުގައި، ރާއްޖެއަށް އެތެރެކުރަން މަނާ ތަކެތި ރާއްޖޭގެ ބޯޑަރުން އެތެރެވިޔަނުދީ ހިފަހައްޓާ، ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.




