ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމުގެ މެންބަރުންގެ ދައުރަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލު ގެނެސްފައިވަނީ ބޭންކު ޒިންމާދާރުކޮށް، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް ކަމަށެވެ. އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވާލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަން ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.
ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ސީނިއަރ މެނޭޖުމަންޓް ޓީމުގެ ހަތަރު މެންބަރަކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުން ހިމެނެއެވެ.
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކަކީ:
° އައިޝަތު ޒަމްރާ ޒާހިރު – ޗީފް ކޮމަރޝަލް އޮފިސަރު
° މޫސާ ނިމާލް – ޗީފް މާކެޓިންގ އޮފިސަރު
° ރަޝްފާ ޖައުފަރު – ޗީފް ރިސްކް އޮފިސަރު
° ގެރީ ލޯޓަން – ޗީފް ކްރެޑިޓް އޮފިސަރު
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ. އަދި ބީއެމްއެލް މިވަގުތު އޮތީ، ހަރުދަނާ މާލީ ހާލަތެއްގައިކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
”އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން. އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރާ އިންވެސްޓްމަންޓެއް. މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް“ ޝަރީފް ވިދާޅުވިއެވެ.



