ޢައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޔަހޫދީން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޢައްޒާއަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ އެތައްބަޔަކު ޝަހީދުކޮށްލާފައިވާތީ ސަރުކާރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި، ޢައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އެ ޝަހަރުގެ ޞިއްޚީ ޚިދުމަތްދޭ ވަސީލަތްތަކާއި ތަންތަނަށް ދެމުންދާ ހަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ. މި ހަމަލާތަކުގައި ކުށެއް ނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދު ކުރަމުންދާކަން ފާހަގަކޮށް، މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ވަނީ ޔަހޫދީ ދައުލަތަށް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް ތަބާވުމަށް ގޮވާލައި، ހަމަލާ ބަދަލުކުރުުގެ އެއްބަސްވުން ދެމެހެއްޓުމަށް ބާރުއަޅާފައެވެ. އަދި މި ހަމަލާތަކަކީ، ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަށާއި ސުލްޙައަށް ހުރަސްއެޅޭ ފަދަ ޢަމަލުތަކެއްގެ ގޮތުގައި ޚާރިޖިއްޔާގެ ބަޔާނުގައި ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން، ޢައްޒާގައި ދިރިއުޅޭ ރައްޔިތުންނާއި ސިއްޚީ ޚިދުމަތް ދޭ ތަންތަނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން އަދި އާންމު ތަންތަން ހިމަޔާތް ކުރުމަށް ގޮވާލާ ގޮވާލުން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ. ޢައްޒާގެ ތެރެއަށް އެއްވެސް ހުރަހެއް ނެތި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމަށް ގޮވާލައި، ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ޔަހޫދީ ދައުލަތުގެ ޢަމަލުތައް ހުއްޓުވައި ބައިނަލްއަޤްވާމީ ޤާނޫނުތައް ނަގަހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ އެދިފައެވެ.
ޚާރިޖިއްޔާގެ ބަޔާން ނިންމަވާލައްވާފައިވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ ހައްޤު އެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންވާކަން ފާހަގަކުރަމުންނެވެ.
އެގޮތުން 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު ސަރުކާރުން ވަނީ އައުކޮށްފައެވެ.



