ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އއ. އުކުޅަހަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން، ރަށުގެ ގިނަ ބަޔަކާއި އެ މަހާސިންތާގެ ބައިވެރިން ވަނީ ބަނދަރުން އެ ދެކަނބަލުންނަށް މަރުހަބާ ކިޔައިފަ އެވެ.
އުކުޅަހުގައި އިއްޔެ ފެށި މި މަހާސިންތާއަކީ އދ. ގެ އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތަކާ ބެހޭ ޖަމިއްޔާ އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ.
”ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް“ގެ ނަމުގައި ކުރިއަށް ގެންދާ މި މަހާސިންތާގެ ދަށުން މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަފުޅު ދެއްކެވެމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަމުން އަންނަ މިންވަރު ބެލުމަށް ކުދި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން އޮޑިޓްތައް ކުރުމަށް ގާބިލުކަން އިތުރުކުރުމެވެ.
މަހާސިންތާގައި އެކި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގައި މަސައްކަތް ކުރައްވާ 80 މަންދޫބަކު ބައިވެރިވެވަޑައިގަންނަވައެވެ.



