މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ހަދާފައިވާ ފާޚާނާބަރި ނިންމައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާ ހަވާލުކޮށްފިއެވެ.
ރަސްފަންނުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން ފާޚާނާބަރި ރަސްމީކޮށް ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު މުޢީންއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ފާޚާނާބަރިއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިސްމާޢީލް ޙަމީދުއެވެ.
މިމަޝްރޫޢަކީ ހައުސިންގް މިނިސްޓްރީގެ އެދުމަކަށް އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

އެމް.ޕީ.އެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުން ޑިޒައިންކޮށްފައިވާ ފާޚާނާބަރި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ މިކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ. ދެ ފާޚާނާއާއި ފެންވަރާ ތަނެއް ހިމެނޭ ގޮތަށް ފާޚާނާބަރި ހަދާފައިވަނީ ވީލްޗެއަރގައި އުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.
އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަންކަމުގައި ބައިވެރިވުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.



