އއ. އުކުޅަހުގައި 50 ހައުސިންގް ޔުނިޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް އެރަށުގައި ފައްޓަވައިދެއްވީ ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުޢްޠަލިބު އެވެ.
އުކުޅަހުގައި އިމާރާތް ކުރާ 50 ހައުސިންގް ޔުނިޓުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒު އެރަށަށް ވަޑައިގެންނެވީ، ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއެކު އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
”ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް“ގެ ނަމުގައި އިއްޔެ ފެށި އެ މަހާސިންތާގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަމުން އަންނަ މިންވަރު ބެލުމަށް ކުދި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން އޮޑިޓްތައް ކުރުމަށް ގާބިލުކަން އިތުރުކުރުމެވެ.



