ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ، އެ އުޅަނދު ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
”ފްރެންޑް 4“ ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ.
ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.
”މި ހާދިސާ ހިނގިއިރު ދޯނީގައި ތިބީ އަށް މީހަކު، އެ އެންމެންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކޮށްފައި، ގެއްލިފައިވާ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެއް“ މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ކަނޑާއި ވައިގެ މަގުން މިހާރު ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބޮޑެތި ރާޅުތައް އަރައި ދޯނި ދިޔަވަމުން ދިއުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ވަރުގަދަކޮށް ކުރިއަށްދާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.



