ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔާފާރީގެ ޕްރޮޖެކްޓްގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާވިއްކަން އިއުލާން ކުރި ޕްލޭނުގައި ގޯސްތަކެއް ހެދިފައިވާކަމަށް އިއުތިރާފުވެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދުނިޔޭގެ ފުޓްބޯޅަ ކޮމިޔުނިޓީގެ ކިބައިން މައާފަށް އެދިއްޖެއެވެ.
އިންފަންޓީނޯ މިފަދައިން ބުނެފައިވަނީ އިއްޔެ މެންބަރު ގައުމުތަކަށް މިކަމާ ގުޅޭގޮތުން ފޮނުވި ސިޓީއެއްގައެވެ.
އެ ޕްލޭނަށް ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުން ދެކޮޅު ހެދުމުން، އިންފަންޓީނޯ ވަނީ އެ ޕްލޭން އަނބުރައި ގެންގޮސްފައެވެ.
ފީފާގެ އިސް ހިންގުންތެރިންނާއެކު މޮރޮކޯގައި އިންފަންޓީނޯ ވަނީ މިހާރު ފެންމަތިވެފައިވާ މައްސަލައަށް ހާއްސަކޮށް ބައްދަލުވުމެއް ބާއްވާފައެވެ. ގިނަ ވަގުތުތަކަށް ދެމިގެންދިޔަ އެ ބައްދަލުވުމަށް ފަހު ރޭ އާންމުކުރި އެ ސިޓީގައި އިންފަންޓީނޯގެ އިތުރުން ފީފާގެ ޖެނަރަލް ސެކްރެޓަރީ މަޓިއަސް ގްރާފްސްޓްރޮމް ވެސް ވަނީ ސޮއި ކޮށްފައެވެ.
”ފީފާ ފޯވަޑް އެންޓަޕްރައިޒަސް (އެފްއެފްއީ) ގާއިމުކުރުމަށް ހުށަހެޅި ޕްރޮޕޯސަލްގެ މަރުހަލާގައި ގޯސްތަކެއް ހެދިފައިވާކަން ފާހަގަކުރަމެވެ،“ ސިޓީގައި ލިޔެފައިވެއެވެ.
އިންފަންޓީނޯ ބުނިގޮތުގައި އެ ހުށަހެޅުމުގެ ތަފްސީލުތައް، ދުރާލައި ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް ފޮނުވިފައި ނުވުމަކީ ގަސްދުގައި ކުރި ކަމެއް ނޫނެވެ.



