ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސް ޕްލާންޓު އއ. އުކުޅަހުގައި ޤާއިމުކުރުމަށް ނިންމައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އުކުޅަހުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 5 ޓަނު އައިސްޕްލާންޓެކެވެ.
ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ އަދި ފަރުމަސްވެރިން ގިނަ އުކުޅަހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްޠަލިބެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ.
އުކުޅަހުގައި ރޭ ބޭއްވި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން އުކުޅަހުގައި ޤާއިމުކުރާ އައިސް ޕްލާންޓަކީ ފަރުމަސްވެރިންނަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަސް މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ.




