ރައީސްގެ ހުއްދައާ އެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ”ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު“ ބަދަލުކޮށް އިއްޔެ އާންމުކޮށްފިއެވެ.
މި ގަވާއިދު އިއްޔެ އާންމުކުރުމާ އެކު، 2024 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ކުރީގެ ގަވާއިދު ވަނީ އުވިފަ އެވެ. އަލަށް އަމަލުކުރަން ފެށި މި ގަވާއިދުގައި ހަމައެކަނި ގެނެސްފައިވާ ބަދަލަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް މާއްދާއެއް އިތުރުކުރުމެވެ.
”ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރުން“ ނަމުގައި ގަވާއިދުގައި އަލަށް ހިމަނާފައިވާ މާއްދާގައި ބުނެފައިވަނީ މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިން ރައީސްގެ ހުއްދައާ އެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވިދާނެ ކަމަށެވެ.
އެހެންކަމުން އަލަށް އާންމުކުރި މި ގަވާއިދުގައި ބިން ދޫކުރެވޭ ގޮތްތައް ބަޔާންކުރާ މާއްދާގައި ވެސް ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތައް ހިމަނާފައިވެއެވެ.
ގަވާއިދުގައިވާ ގޮތުން، ދޫކުރާ ބިމުގެ އަގާއި ކުލި ކަނޑައަޅަންޖެހޭނީ މީގެ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް އެކަމަށްޓަކާ އެކުލަވާލާ ލޭންޑް ވެލުއޭޝަން ކޮމިޓީންނެވެ. އަދި މިހާރު ވެސް މި ކޮމިޓީ ޗެއާ ކުރާނީ މި ކޮމިޓީއަށް ރައީސް އައްޔަންކުރައްވާ މެމްބަރެވެ.
ޖުމްލަ ނުވަ މެމްބަރުން ތިބޭ މި ކޮމިޓީ ތަމްސީލުކުރާ އިދާރާތަކަށް ކުދިކުދި ބަދަލުތައް، އަލަށް އާންމުކުރި ގަވާއިދުގައި ވަނީ ގެނެސްފަ އެވެ. އެގޮތުން، މި ކޮމިޓީގައި ކުރިން އިންނަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ މިހާރު ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ހިމަނާފައިވަނީ، ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ދެ މެމްބަރުން ތިބެންޖެހޭ ގޮތަށެވެ.
އެހެންކަމުން، ދެން މި ކޮމިޓީގައި ތިބޭނީ:
1- މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
2- ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ދެ މެންބަރުން
3- އިގްތިސާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
4- މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
5- ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
6- އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
7- ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
8- ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މެންބަރެއް



