މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކަ ކޯޕަރޭޝަނުން ފުރިހަމައަށް ވާސިލުވެއްޖެއެވެ.
މިއީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން މިކަން ހާސިލުކުރި ތިންވަނަ ކުންފުންޏެވެ.
މިއާއެކު، ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް، ގާނޫނުން ލާޒިމުކުރާ މައުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ ތެރޭގައި ކުންފުނީގެ އިދާރީ ހިންގުމާއި، މާލީ ހިސާބުތަކުގެ އިތުރުން، އާންމު މަސްލަހަތާ ގުޅުންހުރި މުހިންމު ނިންމުންތައް ހިމެނެއެވެ.
މިކަން ހާސިލުކުރުމަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ ކަމެއް ކަމުގައިވެސް ބުންޏެވެ.
މިއީ ފެނަކަގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފު ހުސައިން ކުންފުނީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ އިޚުލާސްތެރި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އެ ކުންފުނި ގެންގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް، އާރް.ޓީ.އައި އިލްތިމާސްތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އިޖާބަދިނުމަށް މިހާރު ދަނީ ހާއްސަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
އެގޮތުން، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދަތިކަމެއް ނެތި ޖަވާބުދާރީވުމުގެ ނިޒާމު ވެސް ވަނީ ކުރިއަށްވުރެ ހަރުދަނާކުރެވިފައެވެ.
މީގެ އިތުރުން، ކުންފުނީގެ ހިދުމަތްތަކާއި މައުލޫމާތުތައް މިހާރަށްވުރެ ޒަމާނީ އަދި ފަސޭހަ ގޮތެއްގައި އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އާ ވެބްސައިޓަކަށް ބަދަލުވުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މި އާ ވެބްސައިޓާއެކު، އެ ކުންފުންޏާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެ، މައުލޫމާތު ހޯދުމަށް އާންމުން ކުރަންޖެހޭ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



