”ޑޮލްފިން“ ނަމަކަށް ކިޔާ ތޫފާނާ ގުޅިގެން، ޖަޕާނުގެ ހުޅަނގުދެކުނުގެ ސަރަހައްދުތަކުން 260،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގަައި، މި ތޫފާނާ ގުޅިގެން އެ ޤައުމުގެ 500 އަށްވުރެ ގިނަ ފްލައިޓުވެސް އިއްޔެ ވަނީ ކެންސަލް ކޮށްފައެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އޭޖެންސީ (ޖޭއެމްއޭ) އިން ބުނި ގޮތުގައި، ކެޓަގަރީ އެކެއްގެ ”ޑޮލްފިން“ ތޫފާނުގައި ވިލާގަނޑުގައި ގަޑިއަކު 198 ކިލޯމީޓަރަށް ވައިގަދަވާނެއެވެ. މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ ކިޔޫޝޫ ސަރަހައްދާއި އޮކިނާވާ ޕްރިފެކްޗާއާ ދެމެދުގައިވާ ރަށްތަކާ ދިމާލަށް ކަމުގައި ވެސް ބުނެފައިވެއެވެ.
އޮކިނާވާއާ ގާތްކުރާއިރުވެސް ތޫފާނުގެ ބާރުމިން ކުޑަނުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޖޭއެމްއޭއިން ބުނެފައިވެއެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
ތޫފާނުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ކަގޮޝީމާއާއި އޮކިނާވާ ޕްރިފެކްޗާއިން މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.
”ޑޮލްފިން“ ތޫފާނުގެ އަސަރު ކިޔޫޝޫގެ ދެކުނުގެ ސަރަހައްދުތަކަށް ކުރަމުންދާއިރު، އޭގެ ތެރޭގައި މިދިޔަ ހަފުތާގައި އައި 7.1 މެގްނިޓިއުޑްގެ ބިންހެލުމުގެ އަސަރުކޮށްފައިވާ ކުމަމޯޓޯ ޕްރިފެކްޗާވެސް ހިމެނެއެވެ. ބިންހެލުމުގައި ގެތައް ވެއްޓުމުގެ ސަބަބުން ކުމަމޯޓޯގެ 6،700 އެއްހާ މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ.



