ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ގަދަވެ، ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނދު މޫސުމުގެ ވިއްސާރައާ ގުޅޭގޮތުން މެޓުން މީގެ ކުރިން ބުނިގޮތުގައި، ވިއްސާރަ އެއްކޮށް އަލިވާނެ ދުވަހެއް ލަފާކުރަން އަދި ނޭނގޭއެވެ. ނަމަވެސް މި ހަފްތާގެ ތެރޭގައި އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެއެވެ.



