”އެއާ ސާވިސް ވޯލްޑް ކޮންގްރެސް“ ގެ ޑެސްޓިނޭޝަން ޕާރޓްނަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރްސީ ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ، އެމްއެމްޕީއާރްސީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ މަންދޫބުންނާއެކު ބާއްވަން ހަމަޖެހިފައިވާ މި ކޮންގްރެސް އޮންނާނީ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑިވްސްގަ އެވެ. ހަތް ވަނަ ”އެއާ ސާވިސް ވޯލްޑް ކޮންގްރެސް“ ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ މި ކޮންފަރެންސް އެންޑޯޒްކޮށްފަ އެވެ.
އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި އިވެންޓަކީ، ދުނިޔޭގެ އެއަރޕޯޓްތަކާއި، ރޫޓު ޑިވެލޮޕްމެންޓް އެގްޒެކެޓިވުންނާއި، އެއަރލައިންތަކުގެ އެގްޒެކެޓިވުންނާއި، އެއަރލައިން ނެޓްވޯކިންގް ޕްލޭނަރުންނާއި، އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ފަތުރުވެރިކަމާއި ގުޅުންހުރި ފަރާތްތައް އެއްތަނަކުން އެއްވެ އޭވިއޭޝަންގެ ދާއިރާގެ ކުރިމަގާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ އިވެންޓެކެވެ.




