ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)އިން ތިނަދޫ ސިޓީގައި އެ ކުންފުނީގެ ޚިދުމަތް ފެށުމުގެ ގޮތުން ތައްޔާރުވާން ފަށައިިފި އެވެ.
ވެމްކޯއިން ބުނީ، އަތޮޅުތެރެއަށް އެކުންފުނީގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ތިނަދޫގައި އެކުންފުނީގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު ކުރިޔަށް ގެންދަނީ ޚިދުމަތް ބޭނުންވާ ގޭ ބިސީތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ.
ވެމްކޯއިން ބުނީ، ޚިދުމަތަށް ރަޖިސްޓްރީ ކުރުމަށް ޚާއްސަކޮށްގެން ”ފަށްޓަމާ“ ގެ ނަމުގައި ތިނަދޫގައި އާއިލީ ހަވީރެއް ބާއްވަން ނިންމާފައިވާކަމަށެވެ. އެގޮތުން ”ފަށްޓަމާ“ ހަވީރުގައި ރެޖިސްޓްރޭޝަން އަށް ޚާއްސަ ސްޓޯލެއް ގާއިމުކޮށް، ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދޭނެކަމަށް ވެމްކޯއިން ބުންޏެވެ. ރަޖިސްޓްރީ ކުރަން ބޭނުންވާ ގޭ ބިސީތަކުން ގޭގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީ އަދި ރަޖިސްޓްރީ ކުރަންދާ ފަރާތުގެ އައިޑީ ކާޑު ހިފައިގެން ދިއުމުން ސްޓޯލްގައި ތިބެގެން ރަޖިސްޓްރީކޮށްލެވޭނެކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ގިނަ ހަރަކާތްތަކަކާއެކު ބާއްވާ ”ފަށްޓަމާ“ އާއިލީ ހަވީރު އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު ތިނަދޫ ސިޓީގެ މިއުޒިއަމް ޕާކުގަ އެވެ.



