ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސްގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ، އެ ޖަމްޢިއްޔާއަށް ނުހަނު މުހިއްމު ޤައުމެއްކަން ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު އާއި ސެކްރެޓަރީ ޖެނެރަލް ވަނީ، ސާކްގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ވަނީ، ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަންވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ ސާކް އުފެއްދުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެންބަރު ޤައުމެކެވެ. ސާކް ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.




