ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުމާލޭގައި ފަށާފައިވާ ”ރަށްވެހި ދަނޑުވެރިކަން“ ނުވަތަ ”ކޮމިއުނިޓީ ފާމިންގ“ މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.
އެޗްޑީސީން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ”ރަށްވެހި ދަނޑުވެރިކަން“ މަޝްރޫއުގެ ދަށުން، ކުއްޔަށް ބިން ދޫކުރުމަށް ނިންމައި، ބިން ނަގަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިފަހަރު ބިން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޒުވާނުންގެ ކެޓެގަރީންނެވެ. މި ބިންތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން އެކަމަށް އެދި ފޯމު ހުށަހެޅުުމުގެ ފުުރުސަތު ހުޅުވާލެވިފައިވާކަމަށް އިއުލާނުގައި ވެއެވެ.
އެޗްޑީސީން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ޖޫން 12 ވަނަ ދުވަހުގެ 23:59 އާ ހަމަޔަށެވެ. އެކަމަށް އެދި ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެ ކިޔުންތައް މެއިލް މެދުވެރިކޮށް ފޮނުވައިދިނުމަށް އެޗްޑީސީން އެދިފައި ވެއެވެ. މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓުން ބަލާލެވެނޭކަމަށާއި، އަދި އެޗްޑީސީގެ ހޮޓްލައިން 3353535 އަށް ގުޅާލުމުން އެމައުލޫމާތު ސާފުކޮށްދޭނެކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ”ރަށްވެހި ދަނޑުވެރިކަން“ މަޝްރޫއު ކުރިޔަށްގެންދަނީ 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ، އަންހެނުންނަށް ޚާއްސަ ކެޓެގަރީ އަކާއި، ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީއަކާއި، އާންމުކޮށް ހުޅުވާލާ ކެޓެގަރީ އެވެ. މި މަޝްރޫއުގެ ދަށުން އެންމެ ގިނަ ބިން ދޫކުރަން ނިންމާފައިވަނީ އަންހެނުންގެ ކެޓެގަރީންނެވެ. އެއީ، ދޫކުރާ ބިންތަކުގެ %50 އެވެ. އަނެއް 2 ކެޓަގަރީން ކޮންމެ ކެޓެގަރީއަކަށް %25 އެވެ.
”ރަށްވެހި ދަނޑުވެރިކަން“ މަޝްރޫއަކީ ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރު ގުޅިގެން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ކުދި ވިޔަފާރިތައް ބައިވެރިކޮށްގެން ދެމެހެއްޓެނެވި ގޮތަކަށް ދަނޑުވެރިކަން އާލާކުރުމަށް ހިންގާ ”ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމެންޓް ފޯ ޑިވެލޮޕްމެންޓް އޮފް އެސްއެމްއީސް“ގެ ތެރެއިން ހިންގާ ޕްރޮގުރާމެކެވެ. އެޗްޑީސީން މިމަޝްރޫއު ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ދަނޑުވެރިކަމަށް އަހުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުމެވެ.



