ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ”ޕީޖީއޯ 2.0“ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްފިއެވެ.
ޕީޖީއޯ 2.0 ސިޔާސަތަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ދެ އަހަރު ދުވަހުގެ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސިޔާސަތެކެވެ.
މިއީ ޒަމާނުއްސުރެ ކާރުދާހުގައި ކުރަމުން އައި މަސައްކަތް ޑިޖިޓަލް ނިޒާމަކަށް އެއްކޮށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުއެކެވެ. އަދި މިއީ އެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު ދެފުށްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިިން ފޯރުކޮށްދޭ މަޝްރޫޢުއެއް ވެސް މެއެވެ.
މި މަޝްރޫޢުގެ ސަބަބުން ޓެކްނޮލަޖީގެ އެހީގައި ހުރަސްތައް ނައްތާލާ ޕްރޮސިކުއުޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ޕީޖީ އޮފީހުން ވިދާޅުވީ މި މަޝްރޫޢުއާއެކު އާޓިފިޝަލް އިންޓަޖަލެންޓްގެ އެހީގައި ޕްރޮސިކުޓަރުންގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށެވެ.
އޭއައިގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އަދި މައްސަލަތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ހަލުވިވިގެންދާނެކަމަށާއި ހެކި ވަޒަންކުރުމާއި ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޕްރޮސެކިއުޓަރުން ހޭދަކުރާ ވަގުތުވެސް ސަލާމަތްވެގެންދާކެމަަށް އެ އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ޕީޖީ އޮފީހުން ބުނީ، އޭއައި އެހީގައި މަސައްކަތްތައް ކުރިނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުންކަމަށެވެ. އަދި މި މަޝްރޫޢަކީ ޕްރޮސެކިއުޝަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުހިއްމު އިންވެސްޓްމަންޓެއް ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.




