އަންހެނުންގެ ޚިޔާލާއި މަޝްވަރާ ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ މިއަދު އިފްތިތާހުކޮށްފިއެވެ.
މިއީ އިޖްތިމާޢީ އަދާލަތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައިވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނާ، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގެގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓްރީން އެކުލަވާލާފައިވާ ނިޒާމެކެވެ.
މި މަންސައިގެ މައިގަނޑު މަޤްސަދަކީ ރަށު ފެންވަރުން ފެށިގެން އަންހެނުންގެ އަޑު، އަތޮޅު، ސަރަހައްދީ އަދި ޤައުމީ ސިޔާސަތުތައް ކަނޑައަޅާ މަސްރަހުތަކާ ގުޅުވައިދޭ، ބައިވެރިވުން ހިމެނޭ ހިންގުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ ބޭނުމަކީ ރާއްޖޭގައި ނިންމާ ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮތް އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ހެދުމެވެ.
ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ މަންސަ މެދުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ގުޅުވައިދޭ ނިޒާމެއްގެ ގޮތުގައި ”އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު އަދި ސިޓީ މަންސަ“ ތައް ޤާއިމުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަތޮޅު ފެންވަރުގެ މަންދޫބުން ހިމެނޭހެން، ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި އެކު ”އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ ޤައުމީ މަންސަ“ އެއްވެސް އެކުލަވާލެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.



