މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ފުރިހަމަ ޕްރޮގްރާމް އެއް ހިންގުމަށް ދަމަނަވެއްޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިނގް(އެމްއޯޔޫ) ގައި ސޮއެކޮށްފައިވަނީ އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްއޯޔޫގައި، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. އަދި ދަމަނަވެށީގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ހެލްތް ކޯޑިނޭޓަރ މޫސާ ހަނީފް އެވެ.
އެމްއޭސީއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން، މުވައްޒަފުން ދުންފަތުގެ އިސްތިއުމާލް ކުރުމާ ދުރުހެލިކުރުވައި ދުޅަހެޔޮ ދިރިއުޅުމެއް ބިނާކޮށް ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށެވެ. އެގޮތުން ކައުންސެލިންގް ގެ ޚިދުމަތާއި، އެޑިއުކޭޝަނަލް ވޯކްޝޮޕްތަކާއި، ސަޕޯޓު ގުރޫޕްގެ އިތުރުން އަދިވެސް އެހެނިހެން ވަސީލަތްތައް މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މި ޕްރޮގްރާމް ކުރިޔަށްގެންދާނީ އެމްއޭސީއެލްގެ އޮކިއުޕޭޝަނަލް ހެލްތު ޓީމާއި، ދަމަނަވެއްޓާއި ގުޅިގެންނެވެ.
އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުންޏާއި، ދަމަނަވެށީގެ ސީނިއާ މެނޭޖްމެންޓް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.




