ހުން އައިސްފިނަމަ، ޕެނެޑޯލާއި ޕެރެސެޓަމޯލް ނޫން އެހެން އެއްވެސް ތަފު ކަނޑުވާ ބޭހެއް ބޭނުންކުރުން ރައްކާތެރި ނޫން ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޑީސީން އިސްނަގައިގެން މިއަދު ހުޅުމާލޭގައި ކުރިއަށްގެންދިޔަ ”މަދިރިން ރައްކާ“ ޕްރޮގްރާމުގެ 3 ވަނަ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ކޯޑިނޭޓަރ މުޙައްމަދު ހަމްޒަތު ވަނީ ހުން އައިސް ވަރުބަލި ވާނަމަ ”ފާޑުފާޑުގެ ބޭސް“ ބޭނުން ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ހަމްޒަތު ވިދާޅުވީ ގައިގައި ވަރަށް ގަދަޔަށް ރިއްސާފައި ހުން އައިސްފައި ހުރިނަމަ (3 ދުވަސް ނުވިނަމަވެސް) ވީހާވެސް އަވަހަށް ސިއްހީ ހިދުމަށް ހޯދުން ވަރަށް މުހިންމު ކަމަށެވެ.
މަދިރީގެ ޒަރީއާއިން ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އިތުރުވާ ތިން ދުވަސްވަރެއް އަންނަކަން ވެސް ހަމްޒަތު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ޑިސެމްބަރ ނުވަތަ ޖެނުއަރީ މަހުގެ ތެރެއިން އަންނަ ކުޑަ ޕީކަކާއި މާރިޗުން ފެށިގެން އޮގަސްޓާ ހަމައަށް ދާއިރު ވަރަށް ބޮޑު ޕީކެއް ފެންނަ ކަމަށް ހަމްޒަތު ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރު ތެރޭގައިވެސް ކުޑަ ޕީކެއް އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

”އެހެންނަމަވެސް މުޅި އަހަރު ތެރޭގައި މި ބަލި (ޑެންގީ ހުން) ރާއްޖޭގައި އުޅޭނެ. އެހެންވީމަ ހުން އައިސް ގައިގައި ރިއްސުންފަދަ ކަންކަން ދިމާވެއްޖެނަމަ ބަލަންވާނީ އެއީ ހަމަ ޑެންގީގެ ގޮތުގައި. އެއަށް ފަރުވާ ކުރަންވާނީ. އެހެންވީމަ ޕެނެޑޯލާއި ޕެރެސެޓަމޯލް ނޫން ބޭހެއް ބޭނުން ނުކުރުމަކީ ވަރަށް މުހިންމުކަމެއް“ ހަމްޒަތު ވިދާޅުވިއެވެ.
މީގެއިތުރުން ހަމްޒަތު ވިދާޅުވީ، ކައިރި ޤައުމުތަކުގައި ވަަރަށް ސިއްހަތު ރަނގަޅަށް ތިބޭ ޒުވާނުންވެސް ހުން އައުމުން ތަދުކަނޑުވަން ބޭނުންކުރާ ބޭސްތައް ބޭނުން ކުރުމުން އައިސީޔޫއަށް ވެސް ލާފައި ތިބި ކަމަށާއި އޭގެތެރެއިން ބައެއް މީހުން މިދުނިޔެ ދޫކޮށްވެސް ގޮސްފައިވާ ކަމަށެވެ.
ހަމްޒަތު ވަނީ މަދިރިން ރައްކާތެރިވުމުގެ ގޮތުން އެކި ކޮމިއުނިޓީތަކުން މަސައްކަތް ކުރުމުގެ އިތުރުން، އާއްމު ފަރުދުން ވެސް އެކަމުގައި ބައިވެރިވެ އަމިއްލަ ގެދޮރުން ވެސް މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ނުކުންނައިރުވެސް މަދިރިން ރައްކާތެރިވާނެފަދަ ތަކެތި ބޭނުން ކޮށްގެން ނުކުތުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.


