އެޗްޑީސީ ސްޓާފުންގެ ފަރާތުން ”ބްލަޑް ބޭންކް“ އަށް ލޭ ހަދިޔާކުރުމަށް މިއަދު ބްލަޑް ކޭމްޕެއް މިއަދު ފަށައިފިއެވެ.
އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މިއަދު ކުރިއަށްގެންދާ މި ބްލަޑް ކޭމްޕުގެ މަގްސަދަކީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުން ކަމަށާއި ބަލްޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަކީ، މެޑިކަލް ޗެކަޕާއެކު އެޗްޑީސީގެ ހުރިހާ ސްޓާފުންނަށް ލޭ ހަދިޔާކުރެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަދުގެ ހަރަކާތާ ގުޅޭގޮތުން، އެޗްޑީސީ ސީއެސްއާރުގެ އެސިސްޓެންޑް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ، ބްލަޑް ބޭންކުގައި ލޭ މަދުވެފައި ހުރިކަމުގެ މައުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަށް އެޗްޑީސީގެ ވަރަށް ގިނަ ސްޓާފުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން ބްލަޑް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާއިރު، އަމާޒަކީ މިއަހަރުގެ ތެރޭގައި އަދިވެސް މިފަދަ އިތުރު ކޭމްޕެއް ކުރިއަށްގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ސްޓާފުންގެ ބަލްޑް ކޭމްޕެއް ބާއްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒެކެވެ.



