”ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026“ ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައިފިއެވެ.
އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖެއްސުމާއެކު، އެ ކުންފުނިން މިއަދު ވަނީ އެކަމުގެ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއެކު ސޮއިކޮށްފައެވެ.
މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ މިބޮޑު ހަފްލާ ފުރިހަމަކަމާއެކު ރާއްޖޭގައި ބޭއްވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވެވުނު މުހިންމު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އޮފް އެއަރ ސަރވިސް ޑިވެލޮޕްމަންޓް، ނަޝާޔާ ޢަބްދުލް ވާޙިދެވެ.
މިއެއްބަސްވުމުގެ ދަށުން، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބްރޭންޑިންގ އަދި ޕްރޮމޯޝަނަލް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެސަބަބުން ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެ، އެވޯޑް ހަފްލާގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެ، ދެ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ފަރާތުން ނަޝާޔާ ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މި ޕާޓްނަޝިޕް ގާއިމްކުރެވިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރަސްމީ އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައި، ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ ފަޚުރެއް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި އެއްބާރުލުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް މެދުކެނޑުމެއްނެތި ކުރިއެރުވުމަށް ދެފަރާތުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ނަޝާޔާ ވިދާޅުވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި، ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްވެއުޅޭ އެންމެ ޝަރަފުވެރި އެއް ހަރަކާތެވެ. މިއެވޯޑްސްގެ އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ސިނާޢަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ.




