ފުޓްބޯޅައިގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާ ކަމަށްވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ކެރިއަރަށް އަލްވަދާއު ކިޔަން އުޅޭކަމުގެ އިޝާރާތެއް ދީފިއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިކަން ހާމަކުރީ އާދީއްތަ ދުވަހު ނެރުނު މަޝްހޫރު މަޖައްލާ ”ވޯގް“ އަށް ދިން ޚާއްސަ އިންޓަވިއުއެއްގައެވެ.
އިންޓަވިއުގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، މިއީ އޭނާ ފުޓްބޯޅަ ކުޅޭނެ އެންމެ ފަހު އަހަރަށް ވެދާނެ ކަމަށާއި، ބޭނުންވަނީ ވަރަށް ފުރިހަމަ، ހަނދާން އާވާފަދަ ހަނދާންތަކަކާއެކު މި ކުޅިވަރުން ވަކިވާން ކަމަށެވެ. އޭނާގެ މި ވާހަކަތަކާ ގުޅިގެން، މި ހިނގާ ސީޒަން ނިންމާލުމަށްފަހު ރޮނާލްޑޯ ރިޓަޔާކުރާނެ ކަމަށް ބެލެވޭ އަޑުތައް ވަނީ ކުރިއަށްވުރެ ގަދަވެފައެވެ.
ސީނިއާ ފުޓްބޯޅަ ކެރިއަރު 2002 ވަނަ އަހަރު ސްޕޯޓިންގް ލިޒްބަންއިން ފެށި ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސްގެ އިތުރުން ސައުދީ އަރަބިއްޔާގެ އަލް-ނަސްރާއެކު ޝަރަފުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ކާމިޔާބުކޮށް ބެލޮންޑިއޯ ހާސިލްކޮށްފައިވާ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ކްލަބްތަކަށާއި ގައުމީ ޓީމަށް ޖުމްލަ 976 ލަނޑު ޖަހާދީފައެވެ.
އޭނާގެ ކެރިއަރުގައި ގުނާ އަދަދު ނުކުރެވޭހާ ގިނަ ކާމިޔާބީތައް ހޯދާފައިވީ ނަމަވެސް، މި އަހަރުގެ ވޯލްޑް ކަޕުން ޕޯޗުގަލް ކަޓައިގެން ދިޔުމާއެކު، ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އޭނާއަށް ވަނީ ގެއްލިފައެވެ.



