ވާނުވާ ބަންދުގައި އެންމެ މަދުން މީހުން ތިބޭ ގައުމަކަށް ރާއްޖެ ހަދަން ކެބިނެޓުން ނިންމައިފިއެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
އެގޮތުން ވާނުވާ ބަންދުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭނެކަމަށް ރައީސް މުޢިއްޒު 2025 ޑިސެމްބަރު 22 ގައި ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައިވާކަމަށް ސަރުކާރުން ބުނެފައެއް ނުވެއެވެ.
ރައީސް އޮފީހުން ބުނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖލީހުގައި ވަނީ، މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ އިތުރު ތަފްސީލުތަކެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު 347 މީހުން އެބަތިއްބެވެ. މި 347 މީހުންނަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންކަމަށާއި އެކަންކަން ރަނގަޅަށް ނުބަލައި، އެމީހުން ހަމަ ހުރެފައި ދޫކޮށްލަން އެއްވެސް ރައްޔިތަކު ބޭނުންވާނެތޯ ރައީސް ވަނީ މީގެކުރިން ސުވާލުވެސް އުފައްދަވާފައެވެ.




