ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިދާރީ ހަރަދުތަކުން 137 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފައިވާކަން، އެ ކުންފުނީގެ މާލީ ހިސާބުތަކުން ހާމަވެއްޖެއެވެ.
އެޗްޑީސީން މިއަދު އާއްމުކުރި އެ ކުންފުނީގެ 2024 ގެ ނިޔަލަށް އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި، އެ ކުންފުނީގެ އިދާރީ ހިންގުމުގެ ހަރަދުތައް ބޮޑުތަނުން ކުޑަކޮށް، މާލީ ހިންގުން ވެސް އިތުރަށް ހަރުދަނާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
އެގޮތުން 2023 ވަނަ އަހަރު އިދާރީ ހަރަދުގެ ގޮތުގައި އެޗްޑީސީއަށް 848.2 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، 2024 ވަނަ އަހަރު މި އަދަދު ވަނީ 710.8 މިލިއަން ރުފިޔާއަށް ތިރިކުރެވިފައެވެ. އެއީ ގާތްގަނޑަކަށް 16.2 އިންސައްތައިގެ ދަށްވުމެކެވެ.
އެ ރިޕޯޓުން ދައްކާގޮތުން އެޗްޑީސީގެ އޮޕަރޭޓިން މަސައްކަތްތަކުން ލިބުނު ފައިސާ (ނެޓް ކޭޝް) ވަނީ 2024 ވަނަ އަހަރު 157.8 މިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ 2023 ވަނަ އަހަރު އޮޕަރޭޓިން މަސައްކަތްތަކުން 825.2 މިލިއަން ރުފިޔާގެ ނެގެޓިވް ކޭޝް ފްލޯއެއް ރެކޯޑުކުރެވިފައި ވަނިކޮށް ހޯދުނު ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަވެއެވެ.
މީގެއިތުރުން، ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ 2024 ވަނަ އަހަރު 1.96 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކައިފައެގެ. މިއާއެކު ދިގު މުއްދަތުގެ ލޯނުތަކުގެ އަދަދު ވަނީ 8.26 ބިލިއަން ރުފިޔާއިން 7.48 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.
އެޗްޑީސީގެ މާލީ ހަރަދުތަކަށް ބަލާއިރު، އިންޓްރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ 1.07 ބިލިއަން ރުފިޔާއަށް އިތުރުވުމާ ގުޅިގެން، ނެޓް ފައިނޭންސް އާމްދަނީގެ ގޮތުގައި 323.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެއިތުރުން އެ ކުންފުނީގެ ޖުމްލަ އާމްދަނީ 2023 ވަނަ އަހަރުގެ 6.53 ބިލިއަން ރުފިޔާއިން 2024 ވަނަ އަހަރު 3.54 ބިލިއަން ރުފިޔާއަށް ދަށްވި ނަމަވެސް، އެޗްޑީސީން ވަނީ ބޮޑު ފައިދާއެއް ހާސިލުކޮށްފައެވެ. އެގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ ވަނީ 2.35 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ވަނީ އެޗްޑީސީއަށް ލިބިފައެވެ. ޖުމްލަ ފުރިހަމަ އާމްދަނީ (ޓޯޓަލް ކޮމްޕްރިހެންސިވް އިންކަމް) ގެ ގޮތުގައި ލިބިފައިވަނީ 2.01 ބިލިއަން ރުފިޔާއެވެ.
މީގެއިތުރުން، އެޗްޑީސީން މި ފައިދާ ހާސިލުކުރުމުގައި އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގަށް އައި ކުރިއެރުމުން ލިބުނު 1.36 ބިލިއަން ރުފިޔާ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 1.89 ބިލިއަން ރުފިޔާ މުހިންމު ދައުރެއް އަދާކުރިކަން އެ ރިޕޯޓުން ހާމަވެއެވެ. އަދި ވިއްކި މުދަލާއި ހިދުމަތުގެ ޚަރަދު (ކޮސްޓް އޮފް ސޭލްސް) ވެސް ވަނީ 2.71 ބިލިއަނުން 2.51 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.
އެޗްޑީސީގެ ޖުމްލަ އެސެޓްސްގެ އަގު 2024 ވަނަ އަހަރު ނިމުނުއިރު ހުރީ 42.52 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރާ އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގަކީ 25.64 ބިލިއަން ރުފިޔާއެވެ. އަދި ލިބެންޖެހޭ ފައިސާ އަދި ލޯނުގެ ގޮތުގައި 12.18 ބިލިއަން ރުފިޔާ ހުރިއިރު، އިންވެންޓްރީގައި 3.78 ބިލިއަން ރުފިޔާގެ މުދާ އަދި ފައިސާގެ ގޮތުގައި 321.7 މިލިއަން ރުފިޔާ ހުއްޓެވެ. ކުންފުނީގެ ޖުމްލަ ޒިންމާތައް (ލަޔަބިލިޓީސް) ވަނީ 14.71 ބިލިއަން ރުފިޔާއިން 14.09 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.



