ޤައުމެއްގެ ސައިޒަކީ، އެ ޤައުމެއްގެ އަޚްލާޤީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވަމުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމާއި، ނިކަމެތިންގެ ޙައްޤުގައި ތެދުވުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
އެމަނިކުފާނުގެ މެސެޖުގައި، މުޅި އިންސާނިއްޔަތުގެ ލާބައާއި މަންފާއަށްޓަކައި، ނުރައްކަލަށް ހުށަހެޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތް ކަމުގައި ހާމަކުރައްވާފައިވެއެވެ. އަދި ހަނގުރާމަތަކާއި، ގެދޮރު ގެއްލުމާއި، ބަނޑުހައިހޫނުކަމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޅި ދުނިޔޭގައިވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަސްދުގައި އިންސާނީ އެހީއަށް ހުރަސްއެޅުމާއި، ޙިޞާރުކުރުމާއި، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ނުރައްކާތެރި ޖަރީމާތަކެއް ކަމަށެވެ. އެމަނިކުފާނު ވަނީ މި ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ތަކުރާރުކުރައްވައި، އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ މިހިނދުން، މިހިނދަށް ދާއިމީގޮތެއްގައި ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ އެންމެންގެ މައްޗަށް އެއްހަމައަކުން ތަންފީޒުކުރެވޭ ބައިނަލްއަޤްވާމީ ޤާނޫނުތަކަކާ، ހަމަތަކެއްގެ މައްޗަށް އެކުލެވިފައިވާ ބައިނަލްއަޤްވާމީ ނިޒާމެއްގެ މައްޗަށް ކަމަށްވާތީއާއި، ހަތަރުވަނަ ޖެނީވާ މުޢާހަދާގެ ބައިވެރިއެއްގެ ޙައިސިއްޔަތުން، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށާއި، ޢާންމު ރައްޔިތުންނާއި އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދިވެހިރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އަދި އިންސާނީ އެހީފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ޙުރުމަތް ހިފެހެއްޓުމަށާއި، އިންސާނިއްޔަތުކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، ޢަދުލުވެރިކަމާއި، މިނިވަންކަމުގެ އަސާސްތައް ނެގެހެއްޓުމަށް ހުރިހާ ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލެއްވިއެވެ.



