ނިމިދިޔަ ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތައް ތަހުގީގުކުރުމަށްފަހު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ސްޕެއިންގެ މިޑްފީލްޑަރު ގަވީ ސަސްޕެންޑުކޮށް ބޮޑެތި ޖޫރިމަނާތަކެއް ކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެންމެ ބޮޑު އަދަބެއް ދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންދްރޯ ޕަރެޑޭސް އަށެވެ. ފީފާއިން ވަނީ އޭނާ 10 މެޗަށް ސަސްޕެންޑްކޮށް، 90،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
ދެވަނައަށް އެންމެ ބޮޑު ސަސްޕެންޝަނެއް ލިބުނު އާޖެންޓީނާގެ ޑިފެންޑަރު މޮލީނާ ވަނީ ހަތް މެޗަށް ސަސްޕެންޑްކޮށް 90،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
ސްޕޭން އަތުން 1-0 އިން އާޖެންޓީނާ ބަލިވި ފައިނަލް މެޗަށްފަހު، ޕަރެޑޭސް ވަނީ ސްޕޭނުގެ އެރިކް ގާސިއާގެ ކަރުގައި ހިފައި އަދި ގަވީ ބިމަށް ވައްޓާލާފައެވެ. މި ހާދިސާއާ ގުޅިގެން ގަވީ ފަހުން ބުނެފައިވަނީ ”ޕަރެޑޭސް އޭނާގެ ގައިގައި އަތްލައި ކޮށްޕާލިހެން ހީނުވާ“ ކަމަށެވެ. އެހެންނަމަވެސް، މައްސަލައިގެ ތަހުގީގަށްފަހު ފީފާއިން ވަނީ ގަވީ ވެސް އެއް މެޗަށް ސަސްޕެންޑްކޮށް، 30،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
މީގެއިތުރުން، އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު އަދި ކުރީގެ މަޝްހޫރު ޑިފެންޑަރު ރޮބާޓޯ އަޔާލާ ވަނީ ސްޕޭނުގެ އޮލްމޯއާ ދިމާކޮށް ހަމަނުޖެހުން ހިންގުމުގެ ކުށުގައި ތިން މެޗަށް ސަސްޕެންޑްކޮށް، 30،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
ތަށި ދިފާއުކުރުމުގެ އަމާޒުގައި ނުކުތް އާޖެންޓީނާގެ ޓީމުން ހިންގި މި އަމަލުތަކާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަން ވަނީ 321،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ ތެރެއިން އެއް ލައްކަ ޑޮލަރު ހޭދަކުރަން ޖެހެނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށެވެ. އަދި އާޖެންޓީނާއިން ދެން އެންމެ އަވަހަށް ކުޅޭ ދެ މެޗުގައި ދަނޑަށް ވަދެވޭނީ ޖާގައިގެ 50 އިންސައްތަ ސަޕޯޓަރުންނަށް ކަމަށްވެސް ފީފާއިން ވަނީ އަންގައިފައެވެ.
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބުނެފައިވަނީ، ފީފާގެ އިސްތިއުނާފު ކޮމިޓީއަށް މި މައްސަލަ ހުށަހަޅާނެ ކަމަށާއި، އެތަނުން ކާމިޔާބު ނުވެއްޖެނަމަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ކާސް) އަށް މައްސަލަ ގެންދާނެ ކަމަށެވެ.



