ކުއްލި ހާލަތައް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ޑްރިލްއެއް ފަށައިފި އެވެ.
އެމްޓީސީސީން މިއަދު 13:00 ޖެހިއިރު ކ ތިލަފުށީ ބޯޓް ޔާޑުގައި ފެށި މި ޑްރިލް އަކީ ފުލް ސެކްލޭ އެމަޖެންސީ އެކްސަސައިޒެއް ކަމަށް އެކުންފުނިން ބުންޏެވެ. އިރުއޮއްސި 18:00 އާ ހަމަޔަށް ކުރިޔަށް ގެންދާ މި ޑްރިލްއަކީ ކުއްލި ހާލަތުގައި ކުންފުނީގެ ސަލާމަތީ އަދި ތައްޔާރީކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޑްރިލް އެއްކަމަށެވެ.
އެމްޓީސީސީން ބުނީ، މި އެކްސަސައިޒް ކުރިޔަށްދާ ވަގުތު، އެމްޓީސީސީ ބޯޓް ޔާޑުގައި ތިބި ހުރިހައި މުވައްޒަފުން އެތަނުން ނެރެ، ރައްކާތެރި ސަރަަހައްދަކަށް ގެންގޮސް މުޅި ބޯޓްޔާޑް ހުސްކުރާނެކަމަށެވެ. އެގޮތުން ބޯޓް ޔާޑުގައި ތިބި މުވައްޒަފުން ކ. ތިލަފުށީ އެހެން ސަރަހައްދަކަށް ބަދަލުކުރާނެކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ވަނީ، ޑްރިލް ކުރިޔަށްދާ ވަގުތު އެމްޓީސީސީ ބޯޓް ޔާޑާއި ކ. ތިލަފުށީ ސިނާއީ ސަރަހައްދުގައި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ އަދި އެސަރަހައްދުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ޑްރިލްގެ ސަބަބުން ކޮށްފާނެ ދުމުގެ އަސަރަށް ސަމާލުވުމަށް ނަސޭހަތްތެރި ވާކަމަށެވެ.
”އެމަޖެންސީ ޑްރިލް ހިނގަމުންދާ ގަޑީގައި ދުމުގެ އަސަރު ގަދަޔަށް ކުރާނަމަ، ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕައި ބަންދުކުރުމަށް އިލްތިމާސްކުރަން. އަދި ލޮލާއި، ނޭފަތާއި، އަނގަ ރަނގަޅަށް ނިވާ ކުރުމަށްވެސް ނަސޭހަތްތެރިވަން.“ އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީން ވަނީ، ޑްރިލްގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.



