ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޖަލްސާ އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި، އިއްޔެ ހަވީރުއެވެ. މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ފަލާޙް ޕްރީސްކޫލްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ފަލާޙް ޕްރީސްކޫލަށް 10 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުން ދެއްވި ހަނދާނީ ފިލާ، އެ ފަރާތްތަކާ ޙަވާލުކޮށްދެއްވާފައެވެ. އަދި ފަލާޙް ޕްރީސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާ ކޮށްދެއްވި ފަރާތަށް ހަނދާނީ ލިޔުން އެރުވުންވެސް އެ ޖަލްސާގައި އޮތެވެ.
ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް، ރައީސްއަށް ވަނީ އަރުވާފައެވެ. ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލާ، އެމަނިކުފާނަށް އެރުވީ، ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.
ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި، ރައީސްގެ އަރިހުގައި ދަޢުލަތުގެ މިނިސްޓަރުންނާއި، މުޢައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާޙް ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ބައިވެރިވެވަޑައިގަތެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާޙުން 1976ގައި އުފެއްދި މި މުއައްސަސާ އެންމެ ފުރަތަމަ ހުޅުވިގެންދިޔައީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ”މަދްރަސަތުލް ފަލާޙް“ ގެ ނަމުގައެވެ. 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތަޢުލީމީ ގްރޭޑްތައް ތަޢާރަފްކުރުމަށްފަހު، މިތަނުގެ ނަން ވަނީ ”ފަލާޙް ޕްރީސްކޫލް“ ގެ ނަމަށް ބަދަލުކޮށްފައެވެ.



