ރާއްޖޭގެ އެކި ރަށްތަކުގައި އަލަށް އާބާދުވާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހަތަރު ރަށެއްގެ އާ ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް މިހާރު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައިވާ ރަށްތަކަކީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުއްޓެވެ.
މި ރަށްތަކުގެ ތެރެއިން ލ. ފޮނަދޫގެ އާ ސަރަހައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމާލާފައިވާ ކަމަށް ފެނަކައިން ބުންޏެވެ. މިއާއެކު އެ ސަރަހައްދުގެ 80 ގޭބިސީއަކަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ތ. ބުރުނީގެ އާ ސަރަހައްދުގައި ހިމެނޭ 48 ގޭބިސީއަކަށްވެސް މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ބޭނުންވާ ނެޓްވޯކް އެކްސްޓެންޝަންގެ މަސައްކަތްތައް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ހަރުކޮށްފައެވެ.
އަދި ރ. މާކުރަތާއި އެ އަތޮޅު ވާދޫގެ އާ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ނިންމާލާފައިވާއިރު، މި ރަށްތަކުގެ ބާކީ ހުރި މަސައްކަތްތައް އަވަހަށް ނިންމައި، ދާއިމީކޮށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރަމުންނެވެ.
ފެނަކައިގެ މައިގަނޑު އަމާޒަކީ ރަށްރަށުގައި އަލަށް އާބާދުވާ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުންޏެވެ.



