އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމަންޓަރީ ލީޑަރު އިބްރާހިމް ފަލާހު އަތުން ކޮޅުވެއްޓިއެއް ގަތްކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ދޮގުކުރައްވައިފިއެވެ.
”އެކްސް“ މެދުވެރިކޮށް ފަހުމީ މިހެން ވިދާޅުވީ، އެމްޕީ ފަލާހު އަތުން 900،000 ރުފިޔާގެ އަގުބޮޑު ކޮޅުވެއްޓިއެއް 17 މިލިއަން ރުފިރާއަށާއި ކޮޅުވެއްޓިގެ މަރާމާތައް އިތުރު 1.8 ރުފިޔާ ދީގެން އެމްޑަބްލިޔުއެސްސީން ގަތްކަމަށް ބުނެ ހަސަން ކުރުސީ ފަތުރާފައިވާ ވާހަކަތަކަށް ރައްދުދެމުންނެވެ.
ކުރުސީ ބުނެފައިވަނީ، ފަލާހުއާއެކު އެ ޑީލް ހެދުމުގެ ސަބަބުން އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރެއްވެސް އިސްތިއުފާ ދީފައިވާ ކަމަށެވެ.
މި ވާހަކަތައް ދޮގުކޮށް ފަހުމީ ވިދާޅުވީ، 2023 ވަނަ އަހަރުގެ ފަހުން އެމްޑަބްލިޔުއެސްސީން އެފަދަ މުއާމަލާތެެއް ނުވަތަ ވިޔަފާރިއެއް ވެސް ހިންގާފައިނުވާ ކަމަށެވެ.
އަދި ބޯޑު މެންބަރު އިސްތިއުފާ ދެއްވީވެސް އެކަމާ ގުޅިގެން ކަމަށް ބުނެ ފަތުރާފައިވާ ވާހަކައަކީވެސް ދޮގެއް ކަމަށާއި އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކަމުގައި ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މިފަދަ ތުހުމަތުތަކަކީ ވަރަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކަމަށާއި އެއްވެސް ހެއްކެއްނެތި މިފަދަ ޚަބަރުތައް ފެތުރުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.



