ދިވެހިރާއްޖޭގައި ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާކަން ހާމަވެފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިހުސާނު ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގަނީ 63 މަނީ އެކްސްޗޭންޖަރެއް ކަމަށެވެ. ނަމަވެސް އެއްވެސް ލައިސަންސެއް އަދި ހުއްދައެއް ނެތި މި ވިޔަފާރިކުރާ ގިނަ ފަރާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ވަކިވަކި ފަރުދުން ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ.
”މި މައްސަލައިގެ ތެރެއިން މިހާތަނަށް އެނަލިސިސް ހެދި ހަތް ފަރާތަކުން އެކަނިވެސް ފާއިތުވި ނުވަ މަސް ތެރޭގައި ކަޅުބާޒާރަށް 76 މިލިއަން ޑޮލަރު ނެރެފައިވޭ“ ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ޤާނޫނު ބުނާގޮތުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެފަދަ ކުށެއް ކޮށްގެން ހޯދާ ފައިސާ ވިޔަފާރީގައާއި އަމިއްލަ ބޭނުމަށް ބޭނުންކުރުމަކީ މަނީ ލޯންޑްރިންގ ކަމަށްވާތީ، އެ ފަރާތްތަކުން އެނގިގެންނާއި ނޭނގި ނަމަވެސް ބައިވެރިވަނީ މަނީ ލޯންޑްރިންގ ޢަމަލުތަކެއްގައި ކަމަށް އިހުސާން ވިދާޅުވިއެވެ.



