ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން އުފެދިފައިވާ ބޮޑު ފެންގަނޑެއްގެ ސަބަބުން މިހާތަނަށް 162 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާއިރު، ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ހެލިކޮޕްޓަރު ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އިއްޔެ ހިނގި މި ކާރިސާގައި ފެންގަނޑު ވަނީ ރަށްތަކާއި ވާދީތަކުގެ ތެރެއިންލާފައި ގޮސްފައެވެ.
ނޭޕާލުގެ ފުލުހުންގެ ތަރުޖަމާނު އަބީ ނާރާޔަން ކަފްލޭ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށާފައިވުމާއެކު، އެ މަސައްކަތް ކުރިއަށްދާ ވަރަކަށް މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.
މި ހާދިސާގައި ގެއްލުނު 579 ފަތުރުވެރިންގެ ތެރޭގައި 400 އަށް ވުރެ ގިނަ ބިދޭސީން ހިމެނޭ ކަމަށް ނޭޕާލުގެ ޓޫރިޒަމް ބޯޑުން ބުނެފައިވެއެވެ. އެ ބޯޑުގެ ތަރުޖަމާނު ސުނިލް ޝަރްމާ އޭޕީއަށް މައުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުންގެ ތެރޭގައި އެމެރިކާގެ 47 މީހުންނާއި، އޮސްޓްރޭލިއާގެ 34 މީހުންނާއި، އިނގިރޭސިވިލާތުގެ 33 މީހުންގެ އިތުރުން ކެނެޑާގެ 24 މީހުން ހިމެނެއެވެ.
މީގެ އިތުރުން، ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓިބެޓްގެ ޖިރޮންގް ކައުންޓީން 558 މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 260 ބިދޭސީން ހިމެނޭއިރު، ތިން މީހަކު މަރުވެފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. ނަމަވެސް ދެ ގައުމުން އާންމުކޮށްފައިވާ އަދަދުތަކަކީ އެއް ބައެއްކަން އަދި ކަށަވަރެއް ނުވެއެވެ.



