ކުކުޅު ބިސް ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކޮންޓްރޯލް ކުރުމާއި ނުލާ ވިއްކަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
ރާއްޖެއިން ބިސް ހުސްވެ ބައެއް ފަހަރަ ކޮންޓްރޯލްކޮށްގެން ބިސް ވިއްކަމުންދާކަމުގެ ވާހަކަތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެސްޓީއޯއިން ބުނީ ބިސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ.
އެއްވެސް ކޮންޓްރޯލްއަކާއި ނުލާ އެސްޓީއޯއިން ބިސް ވިއްކަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެސްޓީއޯއިން ބުނީ މިވަގުތުވެސް ބިހުގެ އިތުރު ޝިޕްމެންޓުތައްވެސް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ކުރިއަށް ހުރި ދުވަސްތަކުގައިވެސް ދަތިކަމެއް ނެތި ބިސް ލިބޭނެ ކަމަށެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން، އަސާސީ ބާވަތްތަކުގެ ލިސްޓަށް ގެނެވުނު ބަދަލުގެ ތެރެއިން ބިސް ހިމެނޭހެން އިތުރު ބާވަތްތައް ވަނީ އަސާސީ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. އެހެން ކަމުން މި ބާވަތްތައް މެދުކެނޑުމެއް ނެތި ބާޒާރުގައި ލިބެން ހުރިކަން ކަށަވަރު ކުރުމަށް އިޤްތިޞާދީ ވުޒާރައިން ޤަވާއިދުން މޮނީޓަރ ކުރަމުންދެއެވެ. އަދި އެސްޓީއޯއާއި އަމިއްލަ ވިޔަފާރިތަކާއެކު މަސައްކަތްކޮށް ބާޒާރުގައި މި ބާވަތްތައް ލިބޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރިއަށް ގެންދެއެވެ. އެއްވެސް ބާވަތެއްގެ މުދަލެއް މަދުވާވާނަމަ އެސްޓީއޯ މެދުވެރިކޮށް އެ ބާވަތެއް ގެނެސް ބާޒާރުގައި އަގު ހިފަހައްޓައެވެ.
އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ތަކެތި ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23ބާވަތެއް އިތުރުކުރައްވައި އެކަން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. އޭގެ އެއްމަސްފަހުންވަނީ މިބާވަތްތައް ބާޒާރަށް ނެރެ ވިއްކަން ވަނީ ފަށާފައެވެ.
އޭގެތެރޭގައި ހިމެނެނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގާއި ބިސް އަދި އަލުވިއެވެ.



