ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ފެނަކައިން އެ ރަށަށް ގެންގޮސްފިއެވެ.
މި އައު ޖެންސެޓް އެ ރަށަށް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2،720 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދެވުނު ޖެންސެޓާއެކު އެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު 3،350 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ޖަނަރޭޓަރު އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމުން ހޯރަފުށީގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކޮށް، އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.



