ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި އިއްޔެ ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ އަންގަން ފޮރިން މިނިސްޓްރީން މިއަދު އެދިއްޖެއެވެ.
މި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭޝިއާއެއް (ސްނޯ ފަރުބަދައެއް) ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ކާރިސާއާ ގުޅިގެން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް އެ ކާރިސާގައި އަސަރުކޮށްފައި ނުވާ ކަމަށާއި އެ ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، މި ހާދިސާއާ ގުޅިގެން ނޭޕާލްގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 9607983400+ ގުޅުމަށް ނުވަތަ consular@foreign.gov.mv އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.




