ނޭޕާލުގައި ދާދި ފަހުން ގަނޑުފެން ފަރުބަދައެއް ކަނޑައިގެން ގޮސްގެން ހިނގި ފެންބޮޑުވުމުގެ ކާރިސާގެ ކުރިން، އެ ޤައުމުގައި ހިނގި ދީނީ ހަމަނުޖެހުމެއްގައި ބަޔަކު މީހުން މިސްކިތްތަކެއްގައި ހުޅުޖަހައި ކީރިތި ޤުރްއާން އަންދާލިކަން ހާމަވެއްޖެއެވެ.
ދީނީ ޖަމަނުޖެހުމެއްގެ ތެރެއިން ނޭޕާލުގެ ޤައިރު މުސްލިމުންތަކެއް ހިންގި މި އަމަލަށް މީގެ ކުރިން މާބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭގެފަހުން އެ ޤައުމުގައި ފެންބޮޑުވެ އެތައްބަޔަކު މަރުވުމުން، ގިނަ ބަޔަކު ވަނީ މި ދެ ކަންތައް ގުޅުވައި ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކޮށްފައެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، މީގެ ގާތްގަނޑަކަށް ތިން ހަފްތާ ކުރިން، ނޭޕާލުގެ ދެކުނުގެ ސަރަހައްދުތަކެއް ކަމަށްވާ ސުންސަރީ އަދި ސިރާހާގައި ހިންދޫ ހަރުކަށި ގްރޫޕްތަކަކާއި މުސްލިމުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ހަރުކަށި ހިންދޫންގެ ބަޔަކު ވަނީ މުސްލިމުންގެ މިސްކިތެއްގައި ހުޅުޖަހައި، ކީރިތި ގުރުއާނުގެ މުސްހަފްތަކެއް އަންދައިފަ އެވެ. މި ހަމަނުޖެހުންތަކުގައި ތިން މީހަކު މަރުވެ، އެ ސަރަހައްދުތަކުގައި ކާފިއު ވެސް ހިންގަން ޖެހުނެވެ.
މި ހާދިސާ ހިނގިތާ ތިން ހަފްތާ ފަހުން، ނޭޕާލާއި ޓިބެޓް ބޯޑަރު ސަރަހައްދުގެ އުސް ފަރުބަދަތަކުގެ މަތިން މާސިންގާ ގަނޑުފެންގަނޑެއް ކުއްލިއަކަށް ކަނޑައިގެން ގޮސް ވެއްޓި ބޮޑު ކޯރެއްގެ ފެންގަނޑު ފަރުބަދަތަކުގެ ތެރެއިން ދެމިގެން ނުދާ ގޮތަށް ބަންދުވިއެވެ. އަދި އެ ކޯރަށް ފެން ޖަމާވަމުން ގޮސް ނުހިފެހެއްޓި ފަޅައިގެންގޮސް، ތްރިޝޫލީ ކޯރުގެ ވާދީތަކަށް ބޮޑު ސުނާމީއެއް ފަދަ ކުއްލި ފެންބޮޑުވުމެއް ކުރިމަތިވީ އެވެ.
އެ ހާދިސާގައި މުޅި ސަރަހައްދު ސުންނާފަތިވި އިރު އެތައް ސަތޭކަ ބަޔަކު މަރުވެ އަދިވެސް އެތައް ސަތޭކަ ބަޔަކަށް ވަނީ ވީގޮތެއް ނޭނގި ގެއްލިފައެވެ.




