ރާއްޖޭގެ މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %45.7 ޕަސެންޓް ދަށްވެފައިވާކަން މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުންނަމަ، މި އަހަރުގެ ޖެނުއަރީ އިން އޭޕްރީލްގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 19،060 މެޓްރިކް ޓަނުގެ މަހެވެ. އަދި، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 35،081 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ، ދެ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި މަހާ އަޅާކިޔާއިރު 16،021 މެޓްރިކް ޓަނުގެ ދަށްވުމެކެވެ.
މި އަހަރުގެ ރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރަށް ބަލާއިރު، ޖެނުއަރީމަހު 4،475 މެޓްރިކް ޓަނުގެ މަސް، ފެބްރުއަރީ މަހު 6،051 މެޓްރިކް ޓަނުގެ މަސް، މާޗްމަހު 3،787 މެޓްރިކް ޓަނުގެ މަސް އަދި އެޕްރީލްމަހު 4،746 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައި ވެއެވެ.
އެކްސްޕޯޓްކޮށްފައިވާ މަހުގެ ތަފުސީލު:
- ކަޅު ބިލަމަސް: 12،240.5 މެޓްރިކް ޓަނު
- ރީނދޫ އުރަހަ ކަންނެލި: 3،740.8 މެޓްރިކް ޓަނު
- އެހެނިހެން ރޯމަސް: 21.6 މެޓްރިކް ޓަނު
- މަސްދަޅު/ޕޯޗް: 2،557.7 މެޓްރިކް ޓަނު
މިއަހަރު މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވެފައިވާއިރު، ސަރުކާރުން މިހާރު ދަނީ އިތުުރު މާކެޓުތަކަށް މަސް އެކްސްޕޯޓްކުރުމަށް ފުރުސަތު ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި ސަރުކާރުގެ މަސްކުންފުނި މިފްކޯ ރީ ސްޓަރްކްޗަރ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މިފްކޯގެ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފަ އެވެ.



