ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އިޒްރޭލު ސަރުކާރުގެ ވަޒީރުން ގެންގުޅޭ ރޭވުންތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުދަ ދުވަހު ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުން ބޭރުކުރުމުގެ ރޭވުންތަކެއް އިޒްރޭލުގައި އެބައޮތް ކަމަށާއި، ނަމަވެސް އެކަން ލަސްވަނީ އެ މީހުން ފޮނުވާލާނެ ވަކި ތަނެއް ކަނޑައެޅުމަށް އެމެރިކާގެ ހުއްދައެއް ލިބެންދެން ކަމަށެވެ.
އޭނާ މިހެން ބުނިތާ އެއް ދުވަސް ފަހުން އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ވަނީ މި ރޭވުމުގެ މަގުސަދަކީ ފުރަތަމަ އަހަރު ތެރޭގައި ޣައްޒާއިން 250،000 މީހުން ބޭރުކުރުން ކަމަށާއި، އަދި ކުރިއަށް އޮތް ހަ އަހަރު ތެރޭގައި ބާކީ ތިބި ގާތްގަނޑަކަށް ދެ މިލިއަން މީހުން ބޭރުކުރުން ކަމަށެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޣައްޒާއިން މަޖުބޫރުން މީހުން ބޭރުކުރުން ރާއްޖޭއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ޣައްޒާއަކީ ފަލަސްތީނު ރައްޔިތުންގެ ބިމަކަށްވާއިރު، އެ ބިމުގައި ވަޒަންވެރިވެ ތިބުމުގެ ޙައްޤު އޮތީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށެވެ.
މީގެއިތުރުން ރާއްޖެއިން ވަނީ، ޣައްޒާގެ ރައްޔިތުން ގަދަބާރުން އެމީހުންގެ ބިމުން ބޭރުކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް ގޮވާލާފައެވެ.
ރާއްޖޭގެ އިތުރުން، އިތުރު އަށް ޤައުމަކުން ވަނީ މި އަމަލު ކުށްވެރިކޮށް ހުއްޓާލުމަށް ގޮވާލާފައެވެ.
އެގޮތުން ސައޫދީ އަރަބިއްޔާ، މިސްރު، އުރުދުން، އަރަބި އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ޕާކިސްތާން، އިންޑޮނީޝިއާ އަދި ތުރުކީގެ ފޮރިން މިނިސްޓަރުން ވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ނެރެން ހުށަހަޅާފައިވާ ”ރޭވުންތަކާއި އުސޫލުތައް އެންމެ ހަރުކަށި އިބާރާތުން“ ކުށްވެރިކުރާ ކަމަށް ބުނެފައެވެ.
މަޖުބޫރުން ވަޒަނުން ބޭރުކުރުމަށް ގޮވާލާ ގޮވާލުންތައް ރަސްމީ ސިޔާސަތަކަށް ނުވަތަ އަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަކީ އޭގެ ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ވެސް އެ ގައުމުތަކުން ބުންޏެވެ.



