މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތައިލޭންޑްގެ ވިޔަފާރި ވަފްދަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ދީފި އެވެ.
މި މައުލޫމާތު ހިއްސާކުރީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓާއި ތައި ޗޭމްބާސް އެންޑް ކޮމާސްއިން އިންތިޒާމުކޮށްގެން މިއަދު ކްރޮސް ރޯޑްގައި ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަކީ ތައިލޭންޑްގެ ވަފުދަށް ރާއްޖޭގެ ތަރައްގީގެ އެޖެންޑާ ބަޔާންކޮށްދީ، އަދި ރާއްޖޭގައި އިންވެސްޓްމެންޓަށް މިހާރު ހުޅުވާލެވިފައި ހުރި ފުރުސަތުތައް އަންގައިދިނުމުގެ މަގްސަދުގައި ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ތައިލޭންޑްގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގެ އެގްޒެކެޓިވްއިންނާއި، ވިޔަފާރިވެރިންނާއި، ފައިނޭންސަރުންނާއި ކުންފުނި ތަކުގެ ސީއީއޯއިން ހިމެނޭހެން 170 މަންދޫބުންގެ ވަފްދަކުން ބައިވެރިވި އެވެ.

ތައިލޭންޑްގެ މި ވަފްދުގެ ދަތުރަކީ އެގައުމުގެ ޔުނިވާސިޓީ އޮފް ޗޭމްބާސް އެންޑް ކޮމާސް އާއި މިނިސްޓްރީ އޮފް ކޮމާސްއާއި، މިނިސްޓްރީ އޮފް ފައިނޭންސްއާއި، މިނިސްޓްރީ އޮފް އިންޑަސްޓްރީސްއާއި، މިނިސްޓްރީ އޮފް ސިވިލް އެފެއާޒްއާއި، ތައި ޗޭމްބަރ އޮފް ކޮމާސްއިން ގުޅިގެން ކުރިޔަށްގެންދާ ”ޓޮޕް އެގްޒެކެޓިވް ޕްރޮގްރާމް އިން ކޮމާސް އެންޑް ޓްރޭޑް“ ގެ ބައެއްގެ ގޮތުގައި ރާއްޖެއަށް ކުރި ދަތުރެކެވެ. އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ޕްރޮގްރާމަކީ ތައިލެންޑްގެ އެކި ހިސާބުތަކުން ވިޔަފާރިވެރިން ޝައުގުވެރިކަމާއެކު ބައިވެރިވާ ޕްރޮގްރާމެވެ. މީގެ ބޭނުމަކީ ވިޔަފާރިވެރިންނާއި، ސިނާއަތްތަކުގެ މެދުގައި ވާދަވެރިކަން އުފެއްދުމަށް ބޭނުންވާ ސްޓްރެޓެޖިކް ވިސްނުމުގެ ޕްރޮސެސްއާއި ހުނަރުތައް އިތުރުކުރުމެވެ.
މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑެވެލޮޕްމެންޓާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިސް ވެރިން ބައިވެރިވަޑައިގެން ވަފްދުގެ ބައިވެރިންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނެ ގޮތްތަކާއި، ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއި އެއްބާރުލުން ދެވޭނެ ގޮތްތައް އޮޅުން ފިލުވައި ދެއްވި އެވެ.



