ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުގެ %95 މަސައްކަތް ނިމިފައިވާކަމަށް، މަޝްރޫއުގެ ކޮންޓްރެކްޓަރ، ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އާރްޑީސީ) އިން ބުނެފި އެވެ.
މި މަޝްރޫއުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު އާރްޑީސީން ބުނީ، މަގުތަކުގައި ކޮނެގެން ކުރަންޖެހޭ ހުރިހައި މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އަދި، ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ %98 ނިންމާލެވިފައިވާކަމަށެވެ. މީގެ އިތުރުން، މަގު ބައްތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމި، އެންމެ ގޯޅިއެއް ފިޔަވައި ތާރު އެޅުމުގެ މަސައްކަތްވެސް ނިންމާލެވިފައިވާކަމަށް އާރްޑީސީއިން ބުނެފައި ވެއެވެ.
މިހާރު ކުރިއަށްދަނީ ސްޕީޑް ބްރޭކަރުތައް ހެދުމާއި، މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްތާއި، އެ މަޝްރޫއުގެ ފިނިޝިންގ އެހެނިހެން މަސައްކަތް ކަމަށްވެސް އާރްޑީސީން ބުނެފައި ވެއެވެ.

އާރްޑީސީން ބުނީ، ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަސް ދިމާވީ، ދުނިޔެއަށް ކުރިމަތި އާލަމީ ވަބާ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރި ދުވަހަކަމަށެވެ. އޭގެ ސަބަބުން އެ ކުންފުނިން ހިންގަމުން ދިޔަ މަޝްރޫއުތައް ށ. މިލަންދޫ ހިމެނޭހެން މަޑުޖައްސާލަން މަޖުބޫރުވި ކަމަށެވެ.
”ދަތުރުފަތުރުގެ ގޮންޖެހުންތަކާއެކު މަޝްރޫޢުތައް ހިންގުމަށް ރަށްރަށަށް ދަތުރު ކުރުން ހުއްޓާލަންޖެހުނު. މަޝްރޫޢުތަކަށް ބޭރުން ގެންނަ އެކިހަލަ ސާމާނާ ވަސީލަތްތައް ރާއްޖެ ނުގެނެވި ލަސްވި. އޭގެ އިތުރުން ރަށްރަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ އިތުރަށް ކޯވިޑް ލޮކްޑައުންގެ ސަބަބުން މުވައްޒަފުންގެ ޢަދަދު މަދުވުމުގެ ދަތިތަކާއިވެސް ކުރިމަތިލާންޖެހުނު.“ އާރްޑީސީން ބުނެފައި ވެއެވެ.
ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. މި މަޝްރޫޢުގެ އަގަކީ 156,477,632.23 ދިވެހި ރުފިޔާ އެވެ. މި މަޝްރޫޢުގެ ދަށުން އާރްޑީސީން 9 މަގަކާއި 3 ގޯޅިއެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ޖެހެއެވެ. އެއީ ޖުމްލަ 6.3 ކިލޯމީޓަރެވެ.



