ކުރިއަށް އޮތް ހަފުތާގައި ބާއްވާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ނިއު ޔޯކަށް ވަޑައިގެންނެވުމަށް ހުރަސްއަޅައި، އެމެރިކާގެ ފޮރިން މިނިސްޓްރީން ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ދޫނުކުރުމުގެ އަމުރު ދަމަހައްޓައިފިއެވެ.
މި ފިޔަވަޅުގެ ސަބަބުން ޢައްބާސްގެ ދަތުރުފުޅަށް ހުރަސްއެޅުނު މިއީ ވިދިވިދިގެން ދެވަނަ އަހަރެވެ. މި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ފަލަސްޓީނިޔަން އޮތޯރިޓީގެ (ޕީއޭ) އޮފިޝަލުންނަށާއި ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަންގެ (ޕީއެލްއޯ) މެންބަރުންނަށެވެ.
އެމެރިކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ފިޔަވަޅުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައި ވަނީ ވެފައިވާ ވަޢުދުތަކާ އެއްގޮތަށް އިސްލާހީ ބަދަލުތައް ގެނައުމުގައި ފަލަސްތީނުން ނާކާމިޔާބުވުމުންނާއި ސުލްހައިގެ ފުރުސަތުތަކަށް ހުރަސްއަޅާތީ ކަމުގައެވެ.
މީގެ އިތުރުން ސީދާ މަޝްވަރާތަކުން ބޭރުން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މަސައްކަތްކުރުމާއި، މައްސަލަތައް ބައިނަލްއަޤުވާމީ ކޯޓުތަކަށް ގެންދިއުމުގެ އިތުރުން، ޔަހޫދީންނަށް ހަމަލާދޭ މުޖާހިދުންނަށް ފައިސާ ދޭ ކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެއެވެ. ނަމަވެސް، އދގެ މައި މަރުކަޒުގެ އެއްބަސްވުމުގެ ދަށުން ޕީއޭގެ މިޝަންގެ ޢާންމު މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާގެ އިތުރުން ހުޅަނގުގެ ޤައުމުތަކުން ފަލަސްޠީނު ބަލައިގަތުމާ ގުޅިގެން، މި ފަހަރުގެ ތަޤުރީރުގައި ދެ ދައުލަތުގެ ޙައްލަށް އައު ބާރެއް ހޯދުމަށް ޢައްބާސް ވަކާލާތު ކުރައްވާނެ ކަމަށް އޮތީ ބެލެވިފައެވެ. ހަމަމިއާއެކު، ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދާއި، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ޣައިރުޤާނޫނީ އާބާދީތައް ފުޅާކުރުމާއި ހައްދުފަހަނައެޅި ވަޒަންވެރިން ހިންގަމުންދާ ޤަތުލުޢާންމުތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯއްދެވުމަށް ވެސް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް އޮތީ ބެލެވިފައެވެ.



